ބަޖެޓުގެ އަމާޒު
2022 ވަނަ އަހަރުގެ ބަޖެޓު ރާވައި އެކުލަވާލާފައިވަނީ، ކޮވިޑް-19 ގެ ބަލިމަޑުމަކަމާއި ގުޅިގެން އެޅި ފިޔަވަޅުތަކާއިއެކު، ރާއްޖޭގެ އިގުތިސާދު ބާރަށް ކުރިއަރަމުން އައި ނަމަވެސް، މާލީގޮތުން ކުރިއަށް ހުރި ގޮންޖެހުންތަކާއި ހިރާސްތައް ގިރާކުރުމަށާއި ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓިނިވިކަން ހިފެހެއްޓުމަށް ވިސްނައިގެންނެވެ. އަދި ސަރުކާރުގެ ވައުދުތަކާއި ސްޓްރެޓީޖިކް ޕްލޭންތަކުގައި އަމާޒު ހިފާފައިވާ ކަންކަން ހާސިލުކުރުމަށް ބަޖެޓުން ޖާގަ ދީފައިވާނެއެވެ. މި ކަންތައްތައް ކުރެވެން އަންނަނީ ބަޖެޓު ފައިނޭންސްކުރުމުގެ ހަރުދަނާ ޕްލޭނެއްގެ މައްޗަށް ކަމުގައިވާތީ، ބަޖެޓު ފައިނޭންސްކުރެވޭ މިންވަރަށް ބަޖެޓުގެ ޚަރަދުތައް ބައްޓަންކުރުމަށް ސަމާލުކަން ދީފައިވާނެއެވެ
ފޮތްފޮތާއި ޑޭޓާ
ބަޖެޓު ފޮތް
މިއީ ކުރިއަށް އޮތް އަހަރަށް އަންދާޒާކުރާ ބަޖެޓާބެހޭ މައުލޫމާތު ހިމެނޭ ފޮތެވެ.
ބަޖެޓު ލުއިފޮތް
މިއީ ކުރިއަށް އޮތް އަހަރަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓާބެހޭ މައުލޫމާތު ޚުލާސާކޮށް ދައްކުވައިދޭ ލުއިފޮތެކެވެ.
ބަޖެޓު ބަޔާން
މިއީ ކުރިއަށް އޮތް އަހަރަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާ ބަޖެޓާ ގުޅޭގޮތުން މިނިސްޓަރ އޮފް ފިނޭންސްއިން ރައްޔިތުންގެ މަޖިލީހަށް ދެއްވާ ބަޔާނެވެ.
ބަޖެޓު ޑޭޓާ
މިއީ އެކްސެލް ފޯމެޓުގައިވާ ބަޖެޓު ފޮތުގައި ހިމަނައިފައިވާ އާމްދަނީ އާއި ޚަރަދުގެ ތަފުސީލު ހިމެނޭ ތާވަލުތަކެވެ.
އޮފީސްތަކުގެ ބަޖެޓު
މިއީ އެކްސެލް ފޯމެޓުގައިވާ އޮފީސްތަކަށް އަންދާޒާކުރާ ބަޖެޓުގެ ތަފުސީލެވެ.
އާމްދަނީ އާއި ޚަރަދު
އާމްދަނީ
24,280
މިލިއަން ރުފިޔާ

ދައުލަތަށް އާމްދަނީގެ ގޮތުގައި މައިގަނޑު ގޮތެއްގައި ލިބެނީ ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއާއި ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭ އާމްދަނީއެވެ.

2022 ވަނަ އަހަރު ދައުލަތަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 24,280 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒަކުރެވެއެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން 2022 ވަނަ އަހަރުވެސް ދައުލަތުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރާނެކަމަށް ލަފާކުރެވެނީ ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއެވެ.

ޚަރަދު
34,102
މިލިއަން ރުފިޔާ

ދައުލަތުން ކުރާ ޚަރަދު ބެހިގެންވަނީ މައިގަނޑު ގޮތެއްގައި ދެ ބަޔަކަށެވެ. އެއީ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި ދުވަހުން ދުވަހަށް ޚިދުމަތް ދިނުމަށާއި ރައްޔިތުންނަށް އެކިއެކި ކަންކަމުގައި އެހީ ފޯރުކޮށްދިނުމަށް ހިނގަމުންދާ ޚަރަދު (ރިކަރަންޓް ޚަރަދު) އަދި އުމްރާނީ ތަރައްގީގެ މަޝްރޫއުތަކަށާއި މެޝިނަރީ ފަދަ ކެޕިޓަލް އައިޓަމްތަކަށް ހޭދަވާ ޚަރަދު (ކެޕިޓަލް ޚަރަދު) އެވެ.

2022 ވަނަ އަހަރަށް އެކުލަވާލައިފައިވާ ބަޖެޓުގެ ތެރެއިން ޖުމުލަ ޚަރަދަކީ 34,101 މިލިއަން ރުފިޔާއެވެ. ބަޖެޓާއި ޚަރަދުގެ ތަފާތަކީ، ޚަރަދަކީ ޖުމުލަ ބަޖެޓުން ލޯނު އަނބުރާ ދެއްކުމަށާއި ބޭރުގެ މާލީ އިދާރާތަކަށް ދައްކާ ރައުސުލްމާލު ކެނޑުމަށްފަހު ހޯދޭ އަދަދެކެވެ.

ޑެފިސިޓް
9,822
މިލިއަން ރުފިޔާ

ދައުލަތަށް އާމްދަނީގެ ގޮތުގައި މައިގަނޑު ގޮތެއްގައި ލިބެނީ ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއާއި ޓެކްސް ނޫން ގޮތްގޮތުން ލިބޭ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ލިބޭ އާމްދަނީއެވެ.

2022 ވަނަ އަހަރު ދައުލަތަށް ޖުމުލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި 24,280 މިލިއަން ރުފިޔާ ލިބޭނެކަމަށް އަންދާޒަކުރެވެއެވެ. އެހެން އަހަރުތަކެކޭ އެއްފަދައިން 2022 ވަނަ އަހަރުވެސް ދައުލަތުގެ އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާ ކުރާނެކަމަށް ލަފާކުރެވެނީ ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީއެވެ.

2022 ގެ ބަޖެޓުން އެކިއެކި ބައިބަޔަށް ޚަރަދު ބެހިފައިވާ ގޮތް
ސިއްހަތު
4,648
މިލިއަން ރުފިޔާ

ރައްޔިތުންނަށް ދެވޭ ސިއްހީ ޚިދުމަތްތައް ދިނުމަށާއި ފުޅާކުރުމަށް 2022 ވަނަ އަހަރުގެ ބަޖެޓުގައި 4,640 މިލިއަން ރުފިޔާ ހިމަނާފައިވާނެއެވެ. މީގެ ތެރޭގައި ހޮސްޕިޓަލުގެ ޚިދުމަތްތަކަށް 3,784 މިލިއަން ރުފިޔާ، އަދި އާންމު ސިއްހީ ޚިދުމަތްތަކަށް 603 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާނެއެވެ.

އިގުތިސާދީ އަދި ސިނާއީ ކުރިއެރުވުމަށް ކުރާ ޚަރަދު
8,096
މިލިއަން ރުފިޔާ

އިގުތިސާދީ އަދި ސިނާއީ ކުރިއެރުވުމަށް ހިންގޭ މަޝްރޫއުތަކާއި އެހެނިހެން ޚަރަދުތަކަށް 2022 ވަނަ އަހަރުގެ ބަޖެޓުގައި 8,085 މިލިއަން ރުފިޔާ ހިމަނާފައިވާނެއެވެ. މީގެ ތެރޭގައި އެންމެ ބޮޑުބައެއް ހިއްސާކުރާ މަސައްކަތްތެރިންނާއި ވިޔަފާރި ކުރިއެރުވުމަށް އަދި އިގުތިސާދު ފުޅާކުރުމަށެވެ. މިކަންތައްތަކަށް 3,466 މިލިއަން ރުފިޔާ ވަނީ ބަޖެޓުކުރެވިފައެވެ. އަދި ދަތުރުފަތުރު ކުރިއެރުވުމަށް 2,418 ހިމަނާފައިވާނެއެވެ.

ތައުލީމު
4,072
މިލިއަން ރުފިޔާ

ތައުލީމީ ޚިދުމަތްތަކާއި ކުރިއެރުވުމަށް ހިންގޭ ޕްރޮގްރާމްތަކާއި މަޝްރޫއުތަކަށް ބަޖެޓުގައި 4,067 މިލިއަން ރުފިޔާ ހިމަނާފައިވާނެއެވެ. މީގެ ތެރޭގައި ފަށާ، ޕްރައިމަރީ އަދި ސާނަވީ ތައުލީމަށް 3,117 މިލިއަން ރުފިޔާ ޚަރަދުކުރެވޭއިރު 949 މިލިއަން ރުފިޔާ މަތީ ތައުލީމަށް ޚަރަދުކުރެވޭނެއެވެ.

ގެދޮރު އިމާރާތްކުރުމާއި ޖަމާއަތުގެ ފައިދާއަށްޓަކައި ދެވޭ ޚިދުމަތް
2,488
މިލިއަން ރުފިޔާ

މިބައިގައި ހިމެނޭ ބައިތަކުގެ ތެރެއިން ގެދޮރު އިމާރާތްކުރުމަށާއި ޖަމާއަތުގެ ފައިދާއަށްޓަކައި ދެވޭ ޚިދުމަތްތަކަށް 2,333 މިލިއަން ރުފިޔާ 2022 ވަނަ އަހަރަށް ބަޖެޓުކޮށްފައިވާނެއެވެ. މިބައިގައި ދެން ހިމެނިފައިވާނީ ބޯފެން ފޯރުކޮށްދިނުމަށް ކުރާ ޚަރަދެވެ.

އިޖުތިމާއީ ރައްކާތެރިކަން
3,060
މިލިއަން ރުފިޔާ

މީގެ ތެރޭގައި ބަލިވުމާއި ޚާއްސައެހީއަށް 1,206 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވާއިރު، އުމުރުން ދުވަސްވީ ފަރާތްތަކަށް 1,404 މިލިއަން ރުފިޔާ އަދި އިޖުތިމާއީ ރައްކާތެރިކަމަށް ކުރެވޭ އެހެނިހެން ޚަރަދުތަކަށް 449 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވާނެއެވެ. މި ބަޔަށް 2022 ވަނަ އަހަރު ކަނޑައަޅާފައިވާ ޖުމުލަ ބަޖެޓަކީ 3,059 މިލިއަން ރުފިޔާއެވެ.

ތިމާވެށި ރައްކާތެރިކުރުން
1,553
މިލިއަން ރުފިޔާ

ތިމާވެށި ރައްކާތެރިކުރުމަށް 2022 ވަނަ އަހަރުގެ ބަޖެޓުގައި 1,543 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާނެއެވެ. މި ބަޔަށް ކުރެވޭ ޚަރަދުގެތެރޭގައި ހިމެނެނީ ރައްކާތެރި ގޮތެއްގައި ކުނި ބެލެހެއްޓުމާއި، ރަށްރަށުގެ ނަރުދަމާގެ ނިޒާމު ގާއިމުކުރުމާއި، ޖައްވަށް ދޫކުރާ ވިހަ ގޭސްތައް ހުއްޓުވުމާއި، ދިރޭތަކެތީގެ ނަސްލު ހިމާޔަތްކުރުމާއި، މިނޫނަސް ތިމާވެށި ހިމާޔަތްކުރުމަށް ކުރެވޭ ޚަރަދުތަކެވެ. މިބައިން އެންމެ ބޮޑު ބަޖެޓެއް ކަނޑައަޅާފައިވާނީ ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ކުރެވޭ ޚަރަދުތަކަށެވެ. މިކަމަށް 836 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާނެއެވެ.

ދިފާއީ ކަންތައްތައް ބެލެހެއްޓުން އަދި އަދުލު އިންސާފާއި އަމަންއަމާންކަން ޤާއިމުކުރުން
1,675
މިލިއަން ރުފިޔާ

ދިފާއީ ކަންކަން ބެލެހެއްޓުމަށް 2022 ވަނަ އަހަރުގެ ބަޖެޓުގައި 1,675 މިލިއަން ރުފިޔާ ހިމަނާފައިވާނެއެވެ. މި ބައިން ކުރެވޭ ޚަރަދުތަކުގެ ތެރޭގައި އެންމެ ބޮޑު ޚަރަދެއް ހިނގާނީ މިލިޓަރީ ޑިފެންސަށެވެ. އެއީ 1,656 މިލިއަން ރުފިޔާއެވެ.

އަދުލު އިންސާފާއި އަމަން އަމާންކަން ގާއިމުކުރުމަށް 2022 ވަނަ އަހަރުގެ ބަޖެޓުން 3,027 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާނެއެވެ. މިބައިން ކުރެވޭ ޚަރަދުގެ އެންމެ ބޮޑުބައެއް ހޭދަކުރެވެނީ ބޯޑަރ ބެލެހެއްޓުމާއި އަމަންއަމާންކަން ގާއިމުކުރުމަށެވެ. މިކަމަށް 1,928 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާނެއެވެ.

ރައްޔިތުންނަށް ދެވޭ އާންމު ޚިދުމަތާއި، އިޖުތިމާއީ އަދި ދީނީ ޚިދުމަތް
7,521
މިލިއަން ރުފިޔާ

ރައްޔިތުންނަށް ދެވޭ އާންމު ޚިދުމަތްތަކަށް 2022 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓުން 1,731 މިލިއަން ރުފިޔާ ކަނޑައެޅިފައިވާނެއެވެ. އެގޮތުން ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމާއި، ގާނޫނުތައް ހެދުމާއި، މާލީ އަދި ފިސްކަލް ކަންތައްތަކާއި ޚާރިޖީ ސިޔާސަތުތަކަށް ކުރާ ޚަރަދަށް 1,568 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާއިރު، އާންމު ޚިދުމަތްތަކަށް ބަޖެޓުކޮށްފައިވަނީ 163 މިލިއަން ރުފިޔާއެވެ

އިޖުތިމާއީ އަދި ދީނީ ޚިދުމަތް ދިނުމަށް 2022 ވަނަ އަހަރުގެ ބަޖެޓުގައި 839 މިލިއަން ރުފިޔާ ބަޖެޓުކޮށްފައިވާނެއެވެ. މި ބަޔަށް ކުރެވޭ ޚަރަދުގެ ތެރޭގައި މުނިފޫހިފިލުވުމާއި ކުޅިވަރަށް 426 މިލިއަން ރުފިޔާ ކަނޑައެޅިފައިވާއިރު ދީނީ ޚިދުމަތަށް 281 މިލިއަން ރުފިޔާ ކަނޑައެޅިފައިވެއެވެ

ދަރަނީގެ ޚިދުމަތުގެ އަގު އަދާކުރުމަށާއި ދަރަނި އަދާކުރުމަށް 2022 ވަނަ އަހަރު 5,777 މިލިއަން ރުފިޔާ ބަޖެޓްކޮށްފައިވާނެއެވެ. މި ބައިން 2,862 މިލިއަން ރުފިޔާ ދަރަނި އަދާކުރުމަށް އެކަށައެޅިފައިވާއިރު، ދަރަނީގެ ޚިދުމަތުގެ އަގު އަދާކުރުމަށް ކަނޑައެޅިފައިވަނީ 2,915 މިލިއަން ރުފިޔާއެވެ

Ministry of Finance
Ameenee Magu, Block 379, Male'
Republic of Maldives

Tel: 1617
Tel: +(960) 334 9200
Fax: +(960) 333 8034

E-mail: [email protected]